ނ. މަނަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ މަނަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފުރާޅު އެޅުމަށް ދަނގަޑު ޖެހުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މަނަދޫއަށް ވަޑައިގެންނެވިއެވެ. އަދި އެ ދަތުރުފުޅުގައި ވަރަށް ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ. އޭގެ ތެރޭގައި ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ހިމެނެއެވެ.
ރައީސްގެ އެދަތުރުފުޅުގައި، ޒިޔާރަތް ކުރެއްވި ރަށްރަށުގެ ކައުންސިލްތަކާއި، ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވަނީ މަޝްވަރާތައް ކުރައްވައިފިއެވެ.
މި ބައްދަލުވުންތަކުގައި، ރަށްރަށަށް މިވަގުތު ތަރައްގީއަށް ކޮށްދެވޭނެ އެންމެ މުހިންމު ކަންކަން ދެނެގަނެ، އެކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މަސައްކަތްތައް ގާތުން ދެނެގަނެ އެކަން ފެށުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.