މިއަހަރުގެ ބާ އިމްތިޙާނު 136 ކެންޑިޑޭޓުންނާއެކު ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ބާއްވައިފިއެވެ.
ބާ ކައުންސިލުން މިއަދު ބުނީ މި އަހަރުގެ އިމްތިޙާނު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ކަމަށެވެ. މިއާއެކު 2022 ގައި ތަޢާރަފްކުރެވި އަހަރަކު އެއް ފަހަރު ބާއްވަމުންދާ ބާ އިމްތިޙާނު މިހާތަނަށް 641 ފަރާތަކުން ވަނީ ފުރިހަމަ ކޮށްފައެވެ.ބާ އިމްތިޙާނަކީ ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު، އަލަށް ނުކުންނަ ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރު ކުރުމަށާއި ފެންވަރު ވަޒަންކުރުމަށް ދެވޭ، ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ މިނިމަމް ބެންޗްމާކް ކަނޑައަޅާ އިމްތިޙާނެވެ.މި އަހަރުގެ އިމްތިޙާނުގައި ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމުން، އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކުރެވިފައިވާ 120 މަލްޓިޕްލް-ޗޮއިސް ސުވާލު ހިމަނާފައި ވެއެވެ.
ބާ އިމްތިޙާނުގެ ސިލަބަސް އެކުލަވާލަނީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުންނާއި ފަނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވައިލެވޭ ކޮމިޓީއަކުންނެވެ.އަދި މިއަހަރުވެސް، އިމްތިހާނުގެ ބައިވެރިންނަށް ރިކޯޑުކުރެވިފައިވާ ލެކްޗަރުތަކާއި އަލަށް ސިލަބަހަށް އިތުރުކުރެވުނު ބައިތަކުން ލެކްޗަރުތައް ނަގައިދީފައި ވާކަމަށް ބާ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.