އައްޑޫ ސިޓީގެ ހުޅުދޫގައި ތަރައްގީކޮށްފައިވާ ޑޮކް ޕާކްގެ މަހާއި ދޫނިތައް މަރުވަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާ އޮފިޝަލު ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫ ޑަކް ޕާކްގައި އުޅޭ މަހާއި ދޫނިތަށް މަރުވަމުންދާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.
އައްޑޫ ހުޅުދޫގެ ޑަކްޕާކުގެ އަސްދޫނިތަކާއި މަސްތައް މަރުވާން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު "ވަގުތަށް" މައުލޫމާތު ދިނެވެ. އެ ޕާކްގައި ދިރިއުޅެމުންދިޔަ ހަތް އަސްދޫނި ވަނީ މަރުވެފައެވެ. އަދި އޭގެ ފަހުން މަސްފެންގަނޑުގައި ދިރިއުޅެމުންދިޔަ ގިނަ މަސްތަކެއް ވެސް މަރުވެފައިވާ ކަމަށެވެ.
އެ މައްސަލަ ހުޅުދޫ ކައުންސިލުން ބަލަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކައުންސިލުން ލަފާކުރަނީ ބަޔަކު އެ ފެންގަނޑަށް ވިހައެއް އެޅީކަމަށް ވެސް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޑަކްޕާކަކީ ހުޅުދޫ ރައްޔިތުން ހިތްހަމަޖައްސާލުމަށް ވަރަށް ގިނައިން ގޮސް އުޅޭ ތަނެކެވެ. އަދި އަސްދޫނިތައް ދެކެލުމަށް ކުޑަކުދިން ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ.